ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މިމަހު ފަށައި ފެށޭ ދައުރުގައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީއާއި ގާނޫނުތަކުން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ މަދަނީ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައްކޮށް، ކަމާގުޅޭ ކަންކަން ވިލަރެސްކުރުމަށްޓަކައި ވެވަޑައިގަންނަވާފައިވާ ފައުދުފުޅާ އެއްގޮތަށް "އޮފީސް ފޯ ސިވިލް ރައިޓްސް"ގެ ނަމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިނގާނެ ސަރުކާރުގެ އިދާރާއެއް، މިދިޔަ ނޮވެންބަރު މަހު ގާއިމުކުރައްވާފައިވާ ކަމަށެވެ.
"އެގޮތުން މަދަނީ އަދި ސިޔާސީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތަކާއި މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކުރުމާއި ނުވަތަ ހިފެހެއްޓުމާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސައްކަތް އެ އޮފީހުން ވަނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކޮށް ކުށްކުރާ މީހުންނަށް ރަނގަޅު މަގު ދައްކައިދީ އަލުން މުޖުތަމައަށް ގެނައުން ކަމަށެވެ. އަދި ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކޮށް، ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އޯގާވެރިކަމާއެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް އެ ތަންތަން ހެދުމަކީވެސް ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.
އެކިއެކި ކުށްތަކުގެ ތަހުގީގުގައި ވަކި މުއްދަތެއް ނެތި ވާނުވާގައި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެންނަވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތަހުގީގަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަައްޓަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރު ތެރޭގައި ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު