ދޮށީ ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ ޒަމާނުއްސުރެ އޮތް އަމާންކަމާއި ހަމަޖެހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ގައުމުގެ އަމްނާ މަސަލަސްކަން ހިފެހެއްޓުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

"މިގޮތުން ބަލާއިރު، މި ސަރުކާރުން އަލަށް 10 ރަށެއްގައި ފުލުހުންގެ ޕޯސްޓް މިހާރުވެސް ވަނީ ގާއިމުކޮށްފައި. މީގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު ނުވަ ރަށެއްގައި ހިދުމަތް ފަށަން ވަނީ ތައްޔާރުވެފައި. ރަށްތަކުގެ މާހައުލުގައި ގާނޫނު ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރި. މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުއްލިއަކަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކަށް، ކުއްލި ނުރައްކާތަކަށް ސަމާލުވެތިބެންވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ސިނާއީ، އިގުތިސާދީ މަސައްކަތްތައް ހިނގާ ހުރިހާ ރަށެއްގައި ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ.

"އަލިފާނުގެ ހާދިސާތައް ފަދަ ކަންކަމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އަޅަންޖެހޭ. މޫސުމީ ކާރިސާތައްވެސް ހަމަ މިފަދަ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވީ ފަހުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް މޫސުން ގޯސްވެ، ވައިގަދަވެ، ބޯކޮށް ވާރޭވެހި ރާއްޖޭގެ ބައެއް ސިޓީތަކާ ރަށްތަކަށް އަދި ގޯތިގެދޮރަށް ވަނީ ގެއްލުންތަކެއް ލިބިފައި. މިފަދަ ކޮންމެ ހާލަތެއްގައި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އާއިލާތަކަށާ ރައްޔިތުންނަށް ސަރުކާރުން ދަނީ އެހީވަމުން،" ރައީސް ވިދާޅުވިއެވެ.

މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ދުރާލައި އެފަދަ ހާލަތްތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތްތަކުގައި އެހީތެރިކަން ދިނުމުގެ ނިޒާމު ހަރުދަނާކޮށް އެކަމުގައި ރަހުމަތްތެރި އެކި ގައުމުތަކުން ދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.