ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ތަފާތު އެކި ކުޅިވަރުތައް ކުޅޭ ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްކަމުގައި ކަމަށެވެ.
"ހަމައެކަނި ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅައަށް ނަޒަރު ހިންގައިލާ އިރު ވެސް، ސަރަހައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ. ކުޅުންތެރީންނަށް އިތުރު ތަމްރީނާ، އާމްދަނީގެ މަގުތައް ވެސް ހުރީ ބަންދުވެފައި. މިއީ ހިތާމަހުރި ކަމެއް. އިރާދަކުރެއްވިއްޔާ، މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާ ހަރަކާތްތެރިކަން އަންނާނޭ މަގުތައް އަޅުގަނޑުމެން ފަހިކޮށްދޭނަން،"
ރައީސް ވިދާޅުވީ ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރަން ފަށައިގަންނާނެ ކަމަށެވެ.
ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރު ކުޅޭ ތަންތަން ގާއިމްކުރަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯޅަ ކޮމްޕްލެކްސް" އެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެޅުމަށް ހުޅުމާލެއިން ދެ ބިން ކަނޑައަޅާފައިވާ ކަމަށެވެ.
"ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކުރަން އެބަޖެހޭ. އަދި ކުޅުންތެރީންނަށް ތަމްރީނާ އާމުދަނީގެ ފުރުސަތު އިތުރުކުރަން ޖެހޭ. މިހުރިހާ ކަމެއްގައި ވެސް ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،"
ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމުގެ ގޮތުން ރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ "މިނިމަމް މެޑިކަލް ރިކުއަރމަންޓް" މިންގަޑުދަތާބެހޭ އުސޫލު ތައްޔާރުކޮށް ހުސްވި ޖެނުއަރީ މަހު އިފްތިތާހުކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ހިދުމަތް އަތޮޅުތެރެ އާއި މާލޭގައި ބާއްވާ ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބިދޭނެ އިންތިޒާމް މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ ހައި ޕާފޯމަންސް ސެންޓަރުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭގޮތުން ސްކޫލު ކުދިންނާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަހްލާގާއި ގުޅޭގޮތުން ކުޅުންތެރިންނަށް މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ފެށިގެންދާނެ. ހަމައެއާއެކު އަޅުގަނޑު ފާހަގަކުރަން. ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުގު އިތުރުވަމުންދާ، ރޭސިން، ސާފިން، މޫދުކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން ސަރުކާރުން މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު