ހަތްދިހަ ފަސް އަހަރާ ހަމަޔަށް ވަޒީފާގައި ތިބެވޭނެ އިންތިޒާމެއް ހަމަޖައްސަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިސްރަށްވެހީންގެ ތަޖުރިބާއާއި ވިސްނުން ރާއްޖެއަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ހިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާންޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ދިމާވާ ވަގުތެއް ކަމަށް ވިދާޅުވިއެވެ.

"އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމި ތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށްވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމައަށް ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މި އަހަރު އިސްރަށްވެހީންގެ ހާއްސަ ދަފުތަރެއް އެކުލަވައިލާނެ ކަމަށާއި އިސްރަށްވެހީންގެ ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް މާލެއާއި އަތޮޅުތަކުގައި ގާއިމުކުރަން ކެބިނެޓުން ނިންމައި އެ މަސައްކަތްވެސް ވަނީ ހަފުތާ 14ގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެގޮތުން މާލޭގައި ހަދާ އެފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.