އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ގާއިމުކުރަން ނިންމަވާފައިވާ ކަމަށް ރައީސް. ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ގްރޭޑް 10 ނިމުމުގެ ކުރިން ދަރިވަރުންނަށް ފަސޭހައިން ތެލެސީމިއާއަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައި ކަމަށާއި އަދި މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ގާއިމުކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ކަނޑައަޅާފައިވާ ކަމަށެވެ.

"މި ސިޔާސަތުގެ ދަށުން ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ގާއިމުކޮށްދޭނެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މި އަހަރު ފަށާ މަޝްރޫއު ފުރިހަމަވުމުން މާލެ ނައިސް ރަށާ ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހިވާނެ،" ރައީސް ވިދާޅުވިއެވެ.

ކުއްލި ފަރުވާއަށް ބޭނުންވާ ހާލަތުގައި ދުރު ދަތުރުތައް ކުރުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗް މަހު ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް ދަނީ ފުރިހަމަވަމުން ކަމަށާއި އޭރުން ރާއްޖެ އާއި ރާއްޖެއިން ބޭރަށްވެސް އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގެ އަމިއްލަ ގާބިލްކަން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ ފާމަސީ މެދުވެރިކޮށް ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް، އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.