ކެންސަރު، ތެލެސީމިއާ އަދި އަންހެނުންނާއި ކުޑަކުދީންނަށް ހާއްސަ ހޮސްޕިޓާތައް މި ދައުރުގައި ބިނާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި ތެލަސީމިއާ ކުދިންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި އަންހެނުންނާ ކުޑަކުދީންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް މި ދައުރުގައި މާލެ ސިޓީގައި ބިނާކުރާނެ ކަމަށެވެ.

"ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފައިކޮށްދިނުމުގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ ފާމަސީ މެދުވެރިކޮށް ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައި. ގްރޭޑް 10 ނިމުމުގެ ކުރިން ދަރިވަރުންނަށް ފަސޭހައިން ތެލެސީމިއާއަށް ޓެސްޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައި،" ރައީސް ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ގާއިމުކޮށްދޭނެ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ހިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއްކޮށް، ވިލިމާލޭގައިވެސް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާ އިރު، ރާއްޖެއިން ބޭރަށް ނުގޮސް ގިނަ ސިއްހީ ފަރުވާތައް ހޯދޭނެ. އަދި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަ ދުވަހު އިންތިޒާރުކުރަން ނުޖެހި އިރާދަކުރެއްވިއްޔާ އަވަސް ހިދުމަތް ލިބެން ފަށާނެ،" ރައީސް ވިދާލުވިއެވެ.