ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި އަހަރަށް ރައްޔިތުުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް މި ދައުރުގައި އަންނާނެ ކަމަށާއި އޭގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެ ކަމަށެވެ.

"އިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން." ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު އޮތީ މި ޒަމާނާ ފައިހަމަކުރެވޭ ހެޔޮ ބަދަލުތަކަކަށް ބޭނުންވެފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބޮޑެތި އާބާދީތަކާ އެކަށޭނަ މިންވަރަށް ސްކޫލް މަދަރުސާތައް ބިނާކުރެވިފައި ނެތުމާއި ހިނގަމުންދާ ސްކޫލްތަކަށް އިތުރުކޮށްދޭން ޖެހޭ ކްލާސްރޫމް ފަދަ ތަންތަނާ އެހެނިހެން ހިދުމަތްތައްވެސް ރަނގަޅަށް ފަހިކޮށްދެވިފައި ނެތުމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"އަޅައިނުލާ ދޫކޮށްލާފައި މިހެން ހުރި ހުރިހާ ކަމެއް ދިރާސާކޮށް، ތައުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭން އަޅުގަނޑުމެން ފަށައިފިން. މަރާމާތު ކުރަން ފައިސާ ނުލިބި މަރާމާތު ނުކުރެވި ހުރި ސްކޫލުތަކުގެ މަރާމާތުތަކަށް 30 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި އެ ފައިސާ ވަނީ ސްކޫލުތަކަށް އެލޮކޭޓް ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.