ކުރީ ސަރުކާރުން އެއް ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ބަހާފައިވާ ކަމަށާއި ސޮވަރިން ފަންޑުގައި ހުރި ބޭރު ފައިސާ ނަގައި ހުރީ މާރުކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެންވި އިރު، މީގެ ކުރިން ދުވަހަކުވެސް ރާއްޖެ ދަރާފައިނުވާ ވަރަށް ރާއްޖެ ދަރާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، މިދިޔަ އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 ޕަސަންޓަށް އުފުލިފައި ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްގެން ނެރެފައިވާ ކަމަށާއި އެއީ، އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ ހަމަ އަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާއެކު މަނިޓައިޒް ކުރަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށާއި އެގޮތުން ފައިސާ ޗާޕުކުރުން ހުއްޓާލައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަވާލުވި އިރު ސަރުކާރު ކުންފުނިތަކުގެ ދަރަނި އެހާ ބޮޑު. ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ އޮތީ އެންމެ ދެތިން ކުންފުނި. ކުންފުނިތަކުގެ އިދާރީ ހިންގުމާ މުވައްޒަފުންނަށް ކުރާ ހޭދަވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައި. އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާވެސް ވަނީ ނަގައި މާރުކޮށްލާފައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ ރޭވުންތެރިކަމާއެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާއަށް އެންމެ ހިރާސްތައް ކުޑަވާގޮތަށް ކަމަށާއި ކުރިއަށް އޮތް ދެ އަހަރަކީ ދަރަނި އަނބުރާ ދައްކަން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރުކަމުގައިވާތީ، އެންމެ އިސްކަމެއް ދެއްވާނީ ދަރަނި އަނބުރާ ދައްކަންޖެހޭ ޝެޑިއުލާ އެއްގޮތަށް ދެއްކޭނެކަން ކަށަވަރުކުރުން ކަމަށެވެ.