ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި ތަސައްވުރު ހަގީގަތަކަށް ހެދޭނީ އަޑިގަނޑުން ސަލާމަތްވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އާއި ކުރިމަގަށް ސަރުކާރުން ކުރާ އުންމީދު ހަގީގަތަކަށް ހެދޭނީ މާލީގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލައިގެން ކަމަށެވެ.

މީގެ ކުރިން ދުވަހަކުވެސް ރާއްޖެ ނުދަރާ ވަރަށް ދަރާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން މިދިޔަ އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 ޕަސަންޓަށް އުފުލިފައި ކަމަށެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފާއިތުވި ފަސް އަހަރު އަސް ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްގެން ނެރެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ދިވެހި ފައިސާގެ ހަމަ އަގު ހިފެހެއްޓުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާއެކު މަނިޓައިޒް ކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން. މިގޮތުން 31 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވުނު. އަދި އިގުތިސޯދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ސަރުކާރު ކުންފުނިތަކުގެ ދަރަނިވެސް އިންތިހާއަށް ބޮޑު ކަމަށާއި ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ އޮތީ އެންމެ ދެތިން ކުންފުނި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވާ ކަމަށާއި ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާ ވެސް ވަނީ ނަގައި މާރުކޮށްލާފައި ކަމަށެވެ.