ހަފުތާ 14ގެ 78 ޕަސަންޓު ވައުދު ފުއްދިފައިވާ ކަމަށާއި ކަނޑައެޅި މުއްދަތުގައި 100 ޕަސަންޓު ފުއްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ

ރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާއި ރައްޔިތުންގެ އިޙްސާސްތަކާ އުންމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ޙާސިލުކޮށްދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފުތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވާލައްވާފައިވާނެ ކަމަށެވެ.

އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވައުދުތަކާއި ހަތަރު ހަފުތާ، ނުވަ ހަފުތާ އަދި 14 ހަފުތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ކަނޑައަޅުއްވާފައިވާނެ ކަމަށާއި އެގޮތުން، ހަފުތާ 14 މަގުޗާޓުގައި ޖުމުލަ 161 ވަޢުދު ހިމެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދާ ހަމައަށް 11 ހަފުތާ ނިމިފައިވާ އިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި ހަތް ވައުދާއި، ހަތަރު ހަފުތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި ނުވަ ހަފުތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއެކު ޖުމުލަ 50 ވައުދު ވަނީ 100 އިންސައްތަ ފުއްދިފައި. އަދި 14 ހަފުތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ 78 އިންސައްތަ ފުއްދިފައި. އިރާދަކުރެއްވިއްޔާ މި 111 ވައުދުވެސް 14 ހަފުތާ ނިމުމުގެ ކުރިން 100 އިންސައްތަ ފުއްދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ވައުދުތައް ފުއްދުމަށް ކެނޑިނޭޅި ބުރަ މަސައްކަތް ކުރައްވަމުންގެންދަވާ ކެބިނެޓުގެ އެންމެހާ މެންބަރުންނަށާއި، ސަރުކާރުގެ އެކިއެކި ސިޔާސީ އަދި ސިވިލް ސާވިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށާއި ދައުލަތުގެ މުއައްސަސާތަކަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މިހާރު މިގެންދަނީ ބާކީހުރި ހުރިހާ ވައުދެއް ފުއްދާނޭގޮތުގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާއެކު މަސައްކަތް ކުރަމުން. މިކަމަށް ޔޫއެންޑީޕީން ދެއްވާ އެހީތެރިކަމަށް ނުހަނު ޝުކުރު ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.