އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި 20.5 މިލިއަން ރުފިޔާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މިފްކޯގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ "އެމްޓީ ބަރީސާ 101" ނީލަމުގައި ވިއްކާލަން 2010ގެ އޮކްޓޯބަރު ހަތަރުވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެ އުޅަނދު 800،000 ރުފިޔާއަށް ގަތުމަށް އެމްޕްލޯއިމަންޓް ބިއުރޯ އިން، އެ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ހުށަހެޅި ހުށަހެޅުމަށް އެއްބަސްވުމަށްފަހު އެއަށް އަަމަލު ނުކޮށް އެކަމާ ހިލާފުވުމުގެ ސަބަބުން ހުށަހެޅި މައްސަލައެވެ.

މި ނީލަމުގައި އެމްލޯއިމެންޓް ބިއުރޯއިން ހުށަހެޅި އީޖާބާއި ގަބޫލު ފުރިހަމަވެފައިވީ ނަމަވެސް މިފްކޯއިން އެ އަގުދާ ހިލާފުވެ، އެ އަގުދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް އެމްލޯއިމެންޓް ބިއުރޯއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

އެ ފަރާތުން އެދިފައިވަނީ، މި މައްސަލައިގައި އެ ފަރާތުން ކުރި ގާނޫނީ މަސައްކަތަށް ހަރަދުކުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އާއި އެ އަގުދާ ހިލާފުވެ އެއްބަސްވުމުގެ ދަށުން ވިއްކުމަށް އަގުދު ކުރި ތެޔޮ ޓޭންކަރު މިފްކޯއިން ވިއްކާފައި ނުވުމުގެ ސަބަބުން، އެ އުޅަނދުން މަންފާ ހާސިލުކުރުމުގެ ހައްގު ގެއްލިފައިވާތީ 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެ އުޅަނދުން މަންފާ ހާސިލުކުރުމުގެ ހައްގު އެމްޕްލޯއިމަންޓް ބިއުރޯއަށް ގެއްލިފައިވާތީ އެ މުއްދަތުގައި އެފަރާތަށް ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލުގެ ތެރެއިން ބައެއް ކަމަށްވާ 20 މިލިޔަން ރުފިޔާއާއެކު ޖުމުލަ 20.5 މިލިޔަން ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް މިފްކޯއަށް އަމުރު ކޮށްދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެ ފައިސާ އަކީ މިފްކޯއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ހުކުމްކުރި ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ އެކީ އެއްފަހަރާ އެމްޕްލޯއިމަންޓް ބިއުރޯއަށް ދެއްކުމަށްޓަކައި ސިވިލް ކޯޓަށް ދެއްކުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި މިފްކޯއިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އަދި އެ މައްސަލައަށް ގޮތެއް ނިމެންދެން 20.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށްވެސް މިފްކޯއިން ވަނީ އެދިފައެވެ.

އެހެންކަމުން ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލައަށް ގޮތެއް ނިމެންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ކޯޓުގައި ބެހެއްޓުމަށެވެ.