ކުރީ ސަރުކާރުގައި ފެށި "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރަޖިސްޓަރީއާ ހަވާލުނުވެ ތިބި ފަރާތްތަކުން ގޯތީގެ ރަޖިސްޓަރީއާ ހަވާލުވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.

ހައުސިން، ލޭންޑު އެންޑް އާބަން ޑިވެލޮމެންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު، އެ މިނިސްޓްރީން ކުރި އިއުލާނާއެކުވާ ދާއިމީ ލިސްޓުގައި ހިމެނޭ ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ އަދި ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށްޓަކައި ވަނީ ފުރުސަތު ދީފައި ކަމަށެވެ.

"އަދި މި މިނިސްޓްރީން އެ ފަރާތްތަކަށް އަންގާފައިވާ މުއްދަތުގައި ހާޒިރު ނުވެވުނު ފަރާތްތަކަށްވެސް އިތުރު ފުރުސަތު ލިބިގެންދާނެ ވާހަކަ ދެންނެވީމެވެ..،" ހައުސިން މިނިސްޓްރީން ބުންޏެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެ ފޭސް 2، ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އަދި މިހާރު ހިއްކައި ނިމިފައި ހުރި ބިންތަކުން ބިންކަނޑައި ބައެއް ބިންތައްވެސް ވަނީ ހަވާލުކޮށްފައެވެ.

ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

އަދި މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަކުރެވޭ ނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހު ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.