ސްރީލަންކާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ މި ހާއްސަ މުނާސަބަތާ ގުޅިގެން އެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ރާއްޖެއާއި ސްރީލަންކާއަކީ ގާތް ދެ ގައުމުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި، ދެ ފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ އަދި ސަރަހައްދީ ހަމަޖެހުމަށް އިސްކަންދޭ ގުޅުމެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައިވާ ރަހުމަތްތެރި ކަމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު