މިދިޔަ ޖެނުއަރީ މަހު މަގާމުން ސަސްޕެންޑްކޮށްފައި ހުރި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަންންޓް ސެކެޓްރީ (ޕީއެސް) އަހްމަދު އަލީ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަހުމަދު އަލީ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަހުމަދު އަލީ އައްޔަނުކުރީ، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް ސިވިލް ސާވިން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އޭނާ ހުންނެވީ 30 ދުވަހުގެ ސަސްޕެންޝަނެއްގައެވެ.

މުސާރަ ހިނގާ ގޮތަށް އަހްމަދު އަލީ ސަސްޕެންޑް ކުރީ ސީއެސްސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ ސްކޫލެއްގެ ޕްރިންސިޕަލަކަށް ފިޔަވަޅު އަޅައިގެންނެވެ. ނަމަވެސް އެކަން ކަށަވަރުވާގޮތް ވަނީ ނުވެފައެވެ.