ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީއާ ލިޔުން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު" ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕްރޮގްރާމްގައި، މާލޭ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ އެންމެންނަށްވެސް ގޯތީގެ ރަޖިސްޓަރީ އާއި ލިޔުން ލިބޭނެ ކަމަށާއި އެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ، ނުހިއްކާ އޮތް ސަރަހައްދުތަކުން ދީފައިވާ ގޯތިތަކުގެ ރަޖިސްޓަރީ ދެވޭނީ އެތަންތަން ހިއްކުމުން ކަމަށާއި ނަމަވެސް އޭގެ ކުރިން ރަޖިސްޓަރީ ދޭނެކަމުގެ ރަސްމީ ލިޔުމެއް އެ ފަރާތްތަކަށް ދޭނެ ކަމަށެވެ.
"ގުޅީފަޅުންވެސް އަދި ގިރާވަރުފަޅުންވެސް، ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައްކަމަށްވިޔަސް ހުރިހާ އެންމެންނަށް ބާކީ ނުވެ ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅާއި ގިރާވަޅުފަޅުން ދޫކުރަން ނިންމި 9،000 ގޯތީގެ ތެރެއިން، ބައެއް މީހުންނަށް އިން ކަނޑައި ގޯތީގެ ރަޖިސްޓަރީވެސް ހަވާލުކުރިއެވެ.
ނަމަވެސް ނުހިއްކައި އޮތް ބައެއް ބިންތަކުގެ ރަޖިސްޓްރީ ދޫކޮށްފައިވާތީ، އެ ރަޖިސްޓްރީން ޕްލޭނިން މިނިސްޓްރީން ހަދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމާމެދު ސުވާލު އުފައްދަވައި ރަޖިސްޓަރީ ދޫކުރުން މެދުކަނޑާލިއެވެ. ރަޖިސްޓަރީ ދޫކުރުން މެދުކެނޑުމަކަށް ފަހު މިދިޔަ މަހު އަނެއްކާވެސް ވަނީ ރަޖިސްޓަރީތައް ދޫކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު