ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރައްވައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އާއި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ފިރުޝާން އެ ޕާޓީގެ ޓިކެޓު ކަށަވަރުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ސައިފް ވާދަކުރެއްވީ ހެންވޭރު ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓު އަހުމަދު އަސްވަންއާ ވާދަކުރައްވައި ޝައިފް ކާމިޔާބު ކުރެއްވީ ތިން ވޯޓުގެ ތަފާތުންނެވެ

މެންބަރު ފިރުޝާން މިފަހަރު ވާދަކުރައްވާނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓަށް އޭނާއާ ވާދަ ކުރީ މުހައްމަދު ފައިސަލް އާއި ހަސަން އަގީލްއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓު ފިރުޝާން ކާމިޔާބު ކުރެއްވީ 74 ވޯޓު ހޯއްދަވައިގެންނެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށްގެންދިޔައީ އެ ދެ ދާއިރާ އެކަންޏެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްއިން 41 ދާއިރާއަކަށް ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.