ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާއަށް ދެ ގައުމުން އެކުލަވައިލައިފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގައި ވެރިރަށް ދިއްލީގައި ވަނީ ބާއްވައިފައެވެ.

އެ ބައްދަލުވުމުގެ މަޝްވަރާކުރި ކަންކަމުގެ މައުލޫމާތު ހާމަކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގައި ގާއިމުވެ ތިބި ސިފައިން ދެ ބަޔަކަށް ބަހާލައިގެން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.

"ތިން އެވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގެ ސިފައިން 10 މާޗު 2024ގެ ނިޔަލަށް ބާލާނެ. ބާކީ ދެ ޕްލެޓްފޯމުގައި ގާއިމުވެ ތިބި ސިފައިން 10 މެއި 2024ގެ ނިޔަލަށް ބާލާނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއާއި އިންޑިއާއިން އެއްބަސްވާ ގޮތެއްގެ މަތިން ޑޯނިއޯގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވިދާޅުވެފައިވަނީ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް އިންޑިއާއަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.