ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތީ 185 މިލިއަން ރުފިޔާ ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުން މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން، ރާއްޖޭންނާއި ރާއްޖޭން ބޭރުންވެސް ލޯނު ހޯދަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ޝިޔާމަށް، ރައްދު ދެއްވައި އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝިޔާމް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"16 ނޮވެމްބަރު 2023 ވީ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަން ޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓު ހަމަޖެހުމާއެކު ކުރީ ސަރުކާރުން ވަނީ މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށެވެ. މަސްވެރިންނަށް ފައިސާ ދޭން 100 މިލިއަން ރުފިޔާ އެގޮތުގެ މަތިން ހަމަޖައްސައި، ކޮންމެ ހަފުތާއަކު ދިޔައީ މަސްވެރިންނަށް ފައިސާ ދޫކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކުރީ މިހާރަށްވުރެ ދަތި ދުވަސްވަރެއްގައި ކަމަށާއި މި ސަރުކާރަށް މަސްވެރިންނަށް ފައިސާ ދޫނުކުރެވިގެން އުޅެނީ، މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ އެހެންކަންކަން މުހިންމުވާތީ ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައި، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށެވެ. ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން 200 މިލިއަން ވަރަކަށް ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ކަމަށެވެ. ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އޭގެ އިތުރުން ވެސް އިތުރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާ އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިހާރު 270 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.