ރާއްޖޭގެ ތިން މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން އަރައި، ހަރަކާތްތެރިވަމުންދިޔަ ވީޑިއޯއެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފިއެވެ.

އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އެރީ ކޮން ގައުމެއްގެ ކޮން ބައެއްކަން ދިވެހި ސިފައިން ކަށަވަރުކޮށް ނުދިން ނަމަވެސް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެކްސް އެކައުންޓުގައި މިއަދު އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ދޯނިތަކަށް އަރައިގެން ހަރަކާތްތެރިވީ އިންޑިއާ ކޯސްޓްގާޑުގެ ސިފައިންނެވެ.

އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކޮން ދޯންޏެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެ ވީޑިއޯ ނަގާފައި ވަނީ ދޯނީގައި ހުރި ދިވެއްސެއްކަން އެނގެއެވެ. އޭނާ ނޫން އެންމެން ތިބީ ދޯނީގެ ފަހަތަށް ގެންގޮސްފައެވެ. އެ މީހުން ކައިރީގައި އިންޑިއާ ސިފައިން ތިބި ތަނެއް ވީޑިއޯއަކުން ނުފެނެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދޯނީގައި ސިފައިންގެ ދެ މީހަކު ހަރަކާތްތެރިވިއެވެ. އޭގެ ތެރެއިން އެކަކު ހުރީ ހެލްމެޓް އަޅައިގެން ހަތިޔާރާއެކުއެވެ. އޭނާގެ ޔުނީފޯމުގައި ހަރުކޮށްފައިވާ ބެޖުން އެނގޭ ގޮތުގައި އޭނާއަކީ އިންޑިއަން ކޯސްޓްގާޑުގެ ރާޑާ ޕްލޮޓާ އެކެވެ. އޭނާއާ ޖެހިގެން ހުރި މީހާ ލައިގެން ހުރި ޔުނީފޯމުގައި ހަރުކޮށްފައިވާ ބެޖުން އޭނާއަކީ އިންޑިއަން ކޯސްޓްގާޑުގެ ގަނާއެއްކަން އެނގެއެވެ.

ސޯޅަ ސިކުންތުގެ އެ ވީޑިއޯ އިން ފެންނަ ގޮތުން އިންޑިއާ ސިފައިން އެރި ތިން މަސްދޯނިވެސް އޮތީ ކައިރި ކައިރީގައެވެ. އެ ދޯނިތައް ކައިރީގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރެއް ހަރަކާތްތެރިވަމުން ދިޔަތަންވެސް ފެނެއެވެ.