މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުން ނުވި ދާއިރާތަކަށް ކެންޑިޑޭޓުން ހޯދަން އެ ޕާޓީން ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު އެކަމަށް އެދި ހުށަހަޅާފައިވާ ނުވާ ދާއިރާތަކަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ގޮތުގައި އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމަށް ހުޅުވާލުމަށް ޕާޓީގެ ރައީސްގެ ކައުންސިލުން ވަނީ ނިންމާފައި ކަމަށެވެ.

"މިގޮތުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ ސުންގަޑިއެއް ކަމަށް ކަނޑައަޅާފައިވަނީ 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަކީ އެ ސުންގަޑީގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓާވެފައިވާ މެމްބަރެއްކަމުގައިވުމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއް ގައިގައި ހުންނަން ޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައިވާން ޖެހޭނެ" ޑިމޮކްރެޓްސްއިން ބުންޏެވެ.

އެގޮތަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ. އެގޮތަށް އެކަން ނިންމަން ޖެހުނީ ވާދަވެރި ޕްރައިމަރީއަކަށް ހުޅުވާލާނެ ވަގުތު ނެތުމުން ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ވާދަކުރުމަށް ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ.