ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން އިންޑިއާއަށް ވިއްކަން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ "އެމްކިއު-9ބީ ސްކައިގާޑިއަން"ގެ 31 ޑްރޯން ވިއްކުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

އެމެރިކާއިން ވިއްކުމަށް ނިންމާފައިވާ ޑްރޯން އާއިއެކު އެ ޑްރޯނުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލާއި އެހެނިހެން ހަތިޔާރުވެސް ދިނުމަށް އެމެރިކާއިން ވަނީ ނިންމައިފައެވެ.

3.99 ބިލިއަން ޑޮލަރުގެ އެ ޑީލަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޖޫން މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޖޯ ބައިޑަން އާއިއެކު ކުރިޔަށް ގެންދެވި މަޝްވަރާތަކަށްފަހު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ޑީލެއް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން އެމެރިކާއާ އެކު ހަދާފައިވާ ޑީލްގެ ދަށުން 170 މިސައިލާއި 310 ލޭޒާ ބޮމުގެ އިތުރުން އެހެނިހެން އާލާތްތައް ވެސް ވިއްކުމަށް ނިންމާފައިވެއެވެ.