މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ދޭން ބަޖެޓުގައި ހިމަނައިފިއެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ސީތާރަމަން މިއަދު ވަނީ އިންޑިއާގެ 2025-2024 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ބަޖެޓުގައިވާ ގޮތުން މި ހިނގާ މާލީ އަހަރު އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމަކީ ބޫޓާނެވެ. ރާއްޖެއަކީ އިންޑިއާއިން ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭނެ ގައުމެވެ.
ނިމިގެން މިދާ މާލީ އަހަރު އިންޑިއާއިން އެންމެ ފުރަތަމަ ލަފާކުރި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ 48.1 މިލިއަން ޑޮލަރެވެ. ނަމަވެސް އިސްލާހު ތަކާއެކު ނިމެމުން މިދާ އަހަރު ރާއްޖެއަށް 92.9 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ވަނީ ހިމަނައިފައެވެ.
އެހެންކަމުން މި ހިނގާ މާލީ އަހަރަށް ރާއްޖެއަށް ދޭން ނިންމި އެހީގެ އަދަދަކީ މި ނިމިގެން މިދާ އަހަރު ރާއްޖެއަށް ދޭން ކަނޑައެޅި މިންވަރަށްވުރެ 20 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
މީގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި މޮންގޯލިއާ އާއި ސީޝެލްސް އާއި މިޔަންމާ އާއި މޮރީޝަސްއަށް ވެސް އެހީ ފޯރުކޮށްދޭން އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު