ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ހަމަލާދިނީ އޭނާއަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުން ހުއްޓާލައިފައި އޮތް ވަގުތެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކޯޓުގައި ކުރިއަށް ދިޔަ މައްސަލައަކާ ގުޅިގެން ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށް ފަހު، އެއިރު ޝަމީމަށް ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދެއްވި ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވުމާއެކު ސެކިއުރިޓީއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެކްޓިން ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ ޕީޖީ ޝަމީމަށް ހަމަލާ ދިން އިރު ޝަމީމްގެ ހަށިފާރަވެރިން ނެތީ އޭނާ ކުރެއްވި މެސެޖަކާ ގުޅިގެން ކަމަށެވެ.

"މިހާދިސާ ހިނގި ވަގުތަކީ އެ ވިދާޅުވިހެން، އެ ހަށިފާރަވެރިންނެއް އެ ވަގުތަކު ވަޑައިގެންނެއް ނޫޅުއްވާ. އަަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ވިއްޔާ އަމިއްލަފުޅަށް ދެއްވި މެސެޖަކާ ގުޅިގެން އެކަން އެގޮތަށް ހިނގާފައި އޮތީ ވެސް،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި ޝަމީމަށް މިހާރު ވަނީ ފުލް ސެކިއުރިޓީ ފޯރުކޮށްދީފައެވެ.

ޝަމީމަށް އިއްޔެ ހަމަލާ ދިނީ މާލޭގެ މަގެއްގެ މަތިންނެވެ. އެ ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާގައި ޝަމީމްގެ ވައަތުގައި ރެނދުލާފައިވެއެވެ.