ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ރަށްރަށާއި ތަންތަނުގެ މައުލުމާތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފިއެވެ.

އީސީން މިއަދު ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތުގެ އިތުރުން، ބަހައްޓާ ވޯޓު ފޮށީގެ ނަންބަރާއި ވޯޓު ފޮށީގެ ކޯޑާއި ވޯޓުލާ ސަރަހައްދުގެ މައުލޫމާތުގެ ގެޒެޓުކޮށްފައި ވެއެވެ. އެކި ސަރަހައްދުތަކުގައި ވޯޓު ލާނެ ތަންތަނުގެ މައުލޫމާތު ވަކިވަކީން ގެޒެޓުކޮށްފައި ހުރި އިރު، އެ ތަންތަނުގައި ހުންނަ ފޮށިތަކަށް ވޯޓު ލެވޭނެ މީހުންގެ މައުލޫމާތު ހިމަނާފައި ވެއެވެ. އެގޮތުން މި އިންތިހާބުގައި ބަހައްޓާނީ ޖުމުލަ 608 ވޯޓު ފޮށްޓެވެ.

  • މާލެ: 181 ފޮށި
  • ހުޅުމާލެ: 50 ފޮށި
  • ވިލިމާލެ: 9 ފޮށި
  • އަތޮޅުތެރެ: 319 ފޮށި
  • ރާއްޖޭން ބޭރު: 6 ފޮށި
  • ރިސޯޓު: 37 ފޮށި
  • ޖަލުތައް: 5 ފޮށި
  • ސިނާއީ: 1 ފޮށި

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން މަރުހަލާ ނިމުމުން އެ އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ވޯޓު ލާން ޖެހެނީ ކޮން ފޮށްޓަކަށް ކަން ދުރާލައި ދެނެގަތުމަށް އެ އިދާރާގެ ހޮޓްލައިން 1414 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ބަލައިލެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން އެސްއެމްއެސް ކުރަނ ޖެހެނީ VR (space) ID number ޖެހުމަށް ފަހުއެވެ.

ރީ ރަޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މަހުގެ ހަތެއްގެ ކުރިން ރީ ރަޖިސްޓާ ވާން ހުށަހަޅަހަން ޖެހެއެވެ. https://form.elections.gov.mv މެދުވެރިކޮށް، އޮންލައިންކޮށް ރީރަޖިސްޓާ ކުރެވެއެވެ.

މަޖިލިސް އިންތިހާބާ ގުޅިގެން އެކި އިންތިޒާމުތައް ހަމަޖެއްސުމަށް އިއްޔެ ވަނީ ފަސް މުއައްސަސާއަކާއެކު ސޮއިކޮށްފައެވެ. އެގޮތުން ސޮއި ކުރީ ސިވިލް ސާވިސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި މޯލްޑީވްސް ޕޯސްޓް އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއެކުގައެވެ.

އިއްޔެ އެ މުއައްސަސާތަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާ ދުވަސް ފަސް ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާކަމަށް ބައެއް މެންބަރުން އަންގާފައިވާ ކަމަށާއި، އިންތިހާބު ފަސްވާނަމަ އިންތިހާބު ބޭއްވޭނެ ކަމަށް ލަފާ ކުރެވެނީ އޭޕްރީލް 21 ނުވަތަ 22ގައި ކަމަށެވެ. އަދި ދުވަސް ފަސްކުރާ ނަމަ ރީރަޖިސްޓާ ކުރަން އަލުން ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބާއްވަން މިހާރު ހަމަޖެހިފައިވާ ދުވަހަކީ މާޗް މަހުގެ 17އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ 7އާއެވެ.