ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އަޒުލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށް ގާސިމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، މަގާމުން ވަކިކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

"ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއް ނެތި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ." ގާސިމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސްގެ އިތުބާރު ނެތް ކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށާއި އެއީ މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލަން ކުރާ ކަމަކަށް ހެދުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާވެސް މުޅީން ހިލާފު އަމަލެއް ކަމަށެވެ.

"މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތި ކަމެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ.،" ގާސިމު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި، ގައުމަށް ކުރިއެރުން ހާސިލުކޮށް ދެއްވުމަށް ކަމަށެވެ. އެހެންކަމުން އެ މަނިކުފާނަށް ގާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.