މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެއި ބަދަލުތައް ގެޒެޓުކޮށް، އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ވަނީ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެއި ބަދަލުތަކުގެ މައުލޫމާތު އާންމުކޮށްފައެވެ.
އޭގައިވާ ގޮތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ވަނީ ނަން ނެތިގެން ފަސް ފަރާތެއްގެ ނަން އިތުރުކޮށްފައެވެ. އަދި ރަޖިސްޓްރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ހަތަރު މީހަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ނަން ބަދަލުވެފައިވަނީ އެންމެ ފަރާތެއްގެ ކަމަށް އީސީން ބުންޏެވެ.
މީގެ އިތުރުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ދާއިރާ ބަދަލުވެފައިވާ 380 މީހެއް ހިމެނޭ ކަމަށާއި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން މަރުވެފައިވާ 225 މީހެއްގެ ނަން އުނިކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.
އެ ހުރިހާ ބަދަލުތަކަކާއެކު އަލުން މިހާރު ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އީސީގެ ވެބްސައިޓު އަދި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައި ކަމަށް އީސީން ބުންޏެވެ. ސިޓީތަކާއި ކައުންސިލްތަކުން ވެސް އެ ލިސްޓު ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކް ކުރެވެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.
އަލަށް އާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި ފެށޭ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ކަމަށް އީސީން ބުންޏެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ޝަކުވާ ހުށަހެޅެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީ ކައުންސިލުތަކުގެ އިތުރުން އީސީގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ކަމަށް ބުންޏެވެ.
މާލޭގައިނަމަ ޝަކުވާ ބަލައިގަންނާނީ އިންތިހާބާ ބެހޭ މަރުކަޒުން ކަމަށާއި ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު