ފެނަކަ ކޯޕްރޭޝަންގެ މެޝިންތަކުގެ މެއިންޓެނެންސް ބެލެހެއްޓުމާއި އެ މެޝިންތަކުގެ ސާވިސްކޮށް ބެލެހެއްޓުން ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ސްޓެލްކޯ ޓްރޭނިން ރޫމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަތާރުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި ފެންކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، އެ ކުންފުނީގެ މާލޭގައި ހުރި މެޝިނަރީޒްތަކާއި އަދި ރަށްތަކުގައި ހުރި މެޝިނަރީޒްތައް ސާވިސްކޮށް އެ މެޝިންތަކުގެ މެއިންޓެނަންސް ބެލެހެއްޓުން އަދި ފެނަކައިގެ މުވައްޒަފުން ތަމްރީނުކުރުން ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ އޭގެ އިތުރުން ވެސް ސްޓެލްކޯއިން މިވަގުތުވެސް ހިލޭ ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތަކެއް ހިލޭ ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި ފެނަކަ ނަގައި ކޮޅަށް ޖަހަން ސްޓެލްކޯގެ ފަރާތުން އެހީތެރިކަންދޭނެ ކަމަށެވެ.

"ފެނަކައިގައި ހުރި މެޝިނަރީޒްތައް ސާވިސްކުރަން ބެނުންވާނެ ސަމާނާއި އެކަމަށް ބޭނުންވާ ގާބިލު މުވައްޒަފުންނާއި އަދި ރަށްތަކަށް ފޮނުވޭނެ މުވައްޒަފުންވެސް ސްޓެލްކޯގައި މަދު ނުވާ ވަރަށް އެބަތިބި،" ފަހުމީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް ވިދާޅުވީ، 150 އަށްވުރެ ގިނަ ރަށުގައި ފެނަކައިގެ ހިދުމަތް ދެމުންގެންދާ އިރު، ވޭތުވެދިޔަ އަހަރު ސާވިސް ޗާޖަށް އެކަނިވެސް އަމިއްލަ ކުންފުނިތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ސާވިސް އަމިއްލަ ފަރާތަކުން ކޮށްގެން ނިންމާ އިރުގައި، އަނބުރާ ލިބެނީ ކުރިން ހުރި ހާލަތުގައި ނޫން ކަމަށާއި އެހެންކަމުން އެ ހިދުމަތްތަކާ މެދު ފެނަކައިގެ ޓެކްނިކަލް މުވައްޒަފުންގެ ހިތްހަމަނުޖެހުން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ފެނަކައިގެ މުވައްޒަފުން ފަންނީ ގޮތުން އިތުރު ހަރުފަތަކަށް ދިއުމަށް ސްޓެލްކޯގެ ފަރާތުން އެހީތެރިކަން ލިބި، ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް މަގު ފަހިވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.