އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގެ އިސްލާހުތައް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އޭޖީން ވަނީ އެ ތިން އިސްލާހުވެސް ބާތިލުކޮށްދޭން އެދިފައެވެ.

މަޖިލީހުގެ ގަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަތް މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮޑީގެ ބައި އިލެކްޝަން ނުބާއްވާނެއެވެ.

ނަމަވެސް މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި އޭރު ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ރައީސް އަޒުލުކުރުމުގެ އަޑު ފެތުރުނު ފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންވެ އެމްޑީޕީގެ މެންބަރުންގެ އެކަނި ވޯޓުން ރައީސް އަޒުލުކުރާ ވަރަށް މެންބަރުން މިހާރު ހަމައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންގެ ވޯޓުން ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

އެމްޑީޕީން ވަނީ ދަ ޑިމޮކްރެޓސްއާ ގުޅިގެން ރައީސް އަޒުލުކުރުމުގެ ގަރާރަށް ސޮއި ހަމަކޮށްފައެވެ. ނަމަވެސް އެމައްސަލަ އަދި މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ.