ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އާއި އިންޑިއާގެ މާކެޓު ހިފެހެއްޓިއްޖެނަމަ މި އަހަރު ނިިމޭއިރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޔޫތް ހެކަތަން އިފުތިތާހު ކުރުމަށް މިއަަދު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ފައިސަލް ވިދާޅުވީ، މި އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ނަމަވެސް، އެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

"އެމްއެމްޕީއާރުސީ އާއެކު ކުރެވޭ މަސައްކަތުން އަޅުގަނޑުމެން މި ޓާގެޓު ކުރަނީ ދެ މިލިއަން. އެހެން ނަމަވެސް ޗައިނާ އަދި އިންޑިއަން މާކެޓު މިހާރު ހުރި ވަރުގައި ހިފެހެއްޓިއްޖެ ނަމަ، އަޅުގަނޑަށް ފެނޭ ޓޫރިސްޓް އެރައިވަލްސް އަޅުގަނޑުމެންނަށް 2024 ނިންމާލެވިދާނެ ކަމަށް 2.3 މިލިއަންގައި،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ޓެކްނޮލޮޖީއަށް އަހުލުވެރި ޒުވާނުންނަށް އިންވެސްޓް ކޮށްގެން ރާއްޖޭގެ އިގުތިސާދަށް ކުރިއެރުން ލިބޭނެ ކަމަށާއި އެގޮތުން ބުކިން ޑޮޓް ކޮމް އާއި އަގޯޑާ ފަދަ ޓްރެވަލް އެޕްލިކޭޝަންތައް ފަދަ ދިވެހި އުފެއްދުންތައް ހެކަތަންގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.