ޖަޕާނުން ހަނދަށް ފޮނުވި ''މޫން ސްނައިޕާ'' ހޭލައިފިއެވެ.
ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން (ޖަޒާ) އިން ބުނީ އެ އެޖެންސީން ކުރި މަސައްކަތުން އާދިއްތަ ދުވަހު ''މޫން ސްނައިޕާ''ގެ ސިގްނަލް ލިބެން ފެށިކަމަށާއި އޭގެ މަސައްކަތް ފެށުމަށް އުޅަނދު ހޭލައިފި ކަމަށެވެ.
ޖަޒާއިން ވަނީ އުޅަނދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައްވެސް މިހާރު މަސައްކަތް ކުރާ ކަމަށާއި އުޅަނދަށް ބެޓަރީގެ އެހީގައި ކަރަންޓު ލިބެން ފަށައިފި ކަމަށް ބުނެފައެވެ. އިރުގެ އަލީގެ އެހީގައި ބެޓަރީތައްވެސް ޗާޖުވާކަމަށް ބުނެފައިވެއެވެ.
''މޫން ސްނައިޕާ'' ހަނދަށް ފޮނުވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އުޅަނދު ހަނދަށް ތިރިކުރި ނަމަވެސް އުޅަނދުގެ ސޯލާ ޕެނަލްތައް މަސައްކަތް ނުކުރާތީ ބެޓެރިތައް ޗާޖު ނުވެ އެންމެފަހުން ޖަޒާއަށް ޖެހުނީ އުޅަނދު ނިންދަވާލާށެވެ.
ޖަޕާނުން ހަނދަށް ފޮނުވި އުޅަނދު ހަނދަށް ތިރިކޮށްފައި ވަނީ އެކޮޅުކޮޅަށެވެ. ހަނދުގައި އެ އުޅަނދު އޮތް ފޮޓޯތަކެއް ޖަޕާނުން ވަނީ ދައްކާލައިފައެވެ. ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން (ޖަޒާ) އިން ބުނީ ''މޫން ސްނައިޕާ'ގެ ފޮޓޯ ނަގާފައި ވަނީ އެ އުޅަނދުން ހަނދަށް ފޮނުވާފައިވާ ކުޑަ ރޮބޮޓް ''އޮރާ-ކިއު" އިން ކަމަށެވެ. އެ ރޮބޮޓް ވަނީ ކުރިން ރޭވިފައިވާ ގޮތަށް ''މޫން ސްނައިޕާ' ހަނދަށް ތިރިކުރުމުގެ ކުރިން އުޅަނދާ ވަކިވެ ހަނދުގައި ހަރަކާތްތެރިވާން ފަށާފައި ކަމަށްވެސް އެއެޖެންސީން ބުނެއެވެ.
ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ބުނެފައިވާ ގޮތުގައި، އެ އުޅަނދު އެކޮޅުކޮޅުން ހަނދަށް ތިރިވި ކަމަށް ބެލެވެނީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
ޖަޕާނަކީ ހަނދަށް ކާމިޔާބު ކަމާއެކު އުޅަނދެއް ފޮނުވާލި ފަސްވަނަ ގައުމެވެ. މީގެ ކުރިން އެމެރިކާގެ އިތުރުން ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާއާއި އިންޑިއާއިން ހަނދަށް އުޅަނދު ފޮނުވާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ