ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުޝާމް އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އުޝާމް، ޖޭއެސްސީގެ މެމްބަރުގެ ކަމަށް އައްޔަންކުރެއްވީ ޖޭއެސްސީގެ ގާނޫނުގެ ތިންވަނަ މާއްދާގެ ނުވަވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް ވަނީ އެ މަގާމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ހުވައިކުރެއްވުމަށްފަހު އުޝާމް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

އުޝާމް، އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ ބަދަލުގައެވެ.

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު ހިސާން ހުސެއިން - ޖޭއެސްސީގެ ރައީސް
  • އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު - ޖޭއެސްސީގެ ނައިބު ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - ޖޭއެސްސީގެ މެމްބަރެއް
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު ނިޔާޒް - ޖޭއެއްސީގެ މެމްބަރެއް
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އަލީ ޝަރީފު - ޖޭއެސްސީގެ މެމްބަރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު ޑރ. އާމިނަތު އުއްމުކުލްސޫމް - ޖޭއެސްސީގެ މެމްބަރެއް
  • ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު - ޖޭއެސްސީގެ މެމްބަރެއް
  • ބަންޑާރަނައިބު އަހުމަދު އުޝާމް - ޖޭއެސްސީގެ މެމްބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަމީރު - ޖޭއެސްސީގެ މެމްބަރެއް
  • ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލީ އަބްދުއްލަތީފު - ޖޭއެސްސީގެ މެމްބަރެއް