ވަކި ބަޔަކަށް ފައިދާވާ ގޮތަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން 2016 އަދި 2017 ވަނަ އަހަރު 43.9 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވާކަން، އެ ކުންފުނީގެ އެ ދެ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ވެމްކޯގެ 2016-2017 ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ކުންފުނިން 43.9 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން އެންމެ ފަރާތަކުން އަގު ހޯދައިގެންނެވެ.
އެ ވެހިކަލްތަކުގެ ތެރެއިން ކުނި އުފުލުމަށް 10 ޑަމްޕް ޓްރަކް ގަތުމުގެ މަސައްކަތް 16 ނޮވެމްބަރު 2016ގައި ވެމްކޯއިން އަމިއްލަ ފަރާތަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން ވެމްކޯގެ ކަމާބެހޭ ޑިޕާޓްމަންޓުން އެދުނު ސްޕެސިފިކޭޝަނާއި ބްރޭންޑްތަކުގެ ވެހިކަލްތަކެއް ހޯދުމުގެ ބަދަލުގައި މޮޑިފައިކޮށްފައިވާ ވެހިކަލްތަކެއް ހޯދައި، އެ އުޅަނދުތައް އުފެއްދި ގައުމާއި އުޅަނދުތަކުގެ ބްރޭންޑް އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ، އެ 10 ޑަމްޕް ޓްރަކް ސަޕްލައި ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަގަކީ 6.8 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، މަސައްކަތާ ހަވާލުވި ފަރާތަށް ވެމްކޯއިން ފައިސާ ދެއްކި އިރު، އެއްބަސްވުމުގެ އަގުގެ އިތުރަށް 407،642 ރުފިޔާ ޖީއެސްޓީ ފައިސާގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.
އަދި އެ ފައިސާ މަސައްކަތް ހަވާލުކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި މީރާއަށް ދައްކާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު