ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުއަށް ރުހުން އޮތްކަމަށް ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 70 މެންބަރުންނެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދޭން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްކުރިއެވެ.

މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދެވެ.

މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަަރާތުން ރުހުން ނުދޭން ނިންމި ވަޒީރުންނެވެ.