ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކޮށްފިއެވެ.

އެޓާނީ ޖެނެރަލް އުޝާމްއަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން އުޝާމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. ނަމަވެސް ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދޭން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްކުރިއެވެ.

މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދެވެ.

މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަަރާތުން ރުހުން ނުދޭން ނިންމި ވަޒީރުންނެވެ.