ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިނިސްޓަރު އޮފް ހެލްތު ޑޮކްޓަ އަބްދުﷲ ހަލީލަށް ރުހުން އޮތްކަމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ރުހުން ދޭން ނުފެންނަ ކަމަށް އެންމެ މެންބަރަކު ވޯޓު ދެއްވިއެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދޭން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްކުރިއެވެ.

މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދެވެ.

މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަަރާތުން ރުހުން ނުދޭން ނިންމި ވަޒީރުންނެވެ.