ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިނިސްޓާ އޮފް އެޑިޔުކޭޝަން ޑޮކްޓަ އިސްމާއީލް ޝަފީއު އަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފާސަކުރީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ މެންބަރަކުވެސް އިންނެވިއެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދޭން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްކުރިއެވެ.

މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެޓަނީ ޖެނެރަލް އަހުމަދު އުޝާމް އާއި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަ މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަ އަލީ ހައިދަރު އަހުމަދެވެ.

މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަަރާތުން ރުހުން ނުދޭން ނިންމި ވަޒީރުންނެވެ.