ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާއަށް ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށްވެސް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީން އެގޮތަށް ފާސް ކޮށްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަން ވަނީ އެ ޕާޓީގެ މަޖިލިސް މެންބަރަކު "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ރުހުން ދިނުމުގެ ޖަލްސާ އެންމެ ފުރަތަމަ ތާވަލުކުރީ މިއަދު 11:00 އަށެވެ. ނަމަވެސް މައިކުތައް މަރާމާތު ކުރުމަށް ޖަލްސާ މެންދުރު ފަހު 1:00 އަށް ވަނީ ލަސްކޮށްފައެވެ.

ގައްސާނާއި އިހުސާނަށް ރުހުން ނުދީފާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ދައުރުން ބޭރު ޖަލްސާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ މެންބަރުން ޖަލްސާއަށް ހުރަސް އަޅާފައިވާތީއެވެ.

އެޕާޓީން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށްވެސް ރުހުން ނުދިނުމަށް ނިންމައިފައެވެ.

ބަންޑާރަ ނައިބު އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ނިންމައިފައެވެ. ދަ ޑިމޮކްރެޓްސް އިން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ ސައީދަށް ރުހުން ދޭން ނިންމައިފައެވެ.

އިއްޔެ މެންދުރު 1:30 ގައި ވޯޓަށް އަހަން ތާވަލު ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ޕީޕީއެމް/ޕީއެންސީ މެންބަރުންނާއި އެމްޑީޕީ މެންބަރުންގެ ދެމެދުގައި ވަނީ ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގައިފައެވެ. އެހެންވެ، އެވަގުތު ވޯޓުލުން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މެންބަރުން މެދުގައި ހިނގި ހަމަނުޖެހުމުގައި މެންބަރުންނަށް ވަނީ އަނިޔާވެސްވެފައެވެ. އަދި ކަނޑިތީމު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވަނީ އޭޑީކޭއަށް ގެންގޮސް އިތުރު ފަރުވާވެސް ދީފައެވެ.

ރޭ ވެސް ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައިވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ މެންބަރުން، ޖަލްސާއަށް ހުރަސް އަޅައި އަޑުގަދަކޮށް ދުންމާރި ފުމުމުގެ ސަބަބުން، ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ.