ރަސްމާލެ ތަރައްގީކުރާ ފުށިދިއްގަރުފަޅާއި ގިރާވަރުފަޅު ހިއްކަމުން ގެންދާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް މިދިޔަ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ހުރުމުން ގިރާވަރު ފަޅުގެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއްތަލިބު ރޭ ވިދާޅުވީ ރަސްމާލޭގެ ފުރަތަމަ 10 ހެކްޓަރު ހިއްކައި ނިންމައި، 29 ހެކްޓަރުގެ ބައިގައި ބަންޑުވޯލް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ އެ ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
"އެ ކޮންޓްރެކްޓާއަށް އެބަހުރި އެހެން މަޝްރޫއުތަކުން ދައުލަތުން ދޭން ޖެހޭ ފައިސާތަކެއްވެސް. އެކަހަލަ ތާށިތަކެއް އުޅޭ ކަމަށް އެ ވިދާޅުވަމުން ގެންދަވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކާ ސީއެމްސީއަކީ ގިރާވަރު ފަޅުވެސް ހިއްކަމުން އަންނަ ކުންފުނި ކަމަށާއި ނަމަވެސް މިދިޔަ ސަރުކާރުން ސީއެމްސީއަށް ދޭންޖެހޭ ފައިސާ ނުދައްކައި އެބަހުރި ކަމަށެވެ.
"އެކުންފުނިން މިދިޔަ ސެޕްޓެމްބަރު އޮކްޓޫބަރު މަހު ލާފައި ހުރި ބޮޑެތި ބިލްތަކެއް ވެސް އެބަހުރި ޕޭނުކޮށް. ދައުލަތުން އެކަންކަން ހަމަޖައްސައިދީގެން ކުންފުނީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ބަލަމުން މިހާރު މިދަނީ. ލަސްތަކެއް ނުވެ ބާރަށް ފެށިގެން ދާނެ،" މުއްތޮލިބު ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅުން ހިއްކަން ނިންމާފައިވާ 160 ހެކްޓަރުގެ ބިމުގެ ތެރެއިން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު މިހާރު ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދީފައި އަދި ބާކީބައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ދޭ ގޮތަށް ކަމަށެވެ.
"މި މަޝްރޫއަކީ 197 މިލިއަން ޑޮލަރުގެ މަޝްރޫއެއް. ހަގީގަތުގައި ވަރަށް އަގުބޮޑު، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް މި މަޝްރޫއަކީ،" އޭނާ ވިދާޅުވިއެވެ.
"މިހާރު މަސައްކަތް ހުއްޓިފައި އޮތް އެއް ސަބަބަކީ ހަގީގަތުގައި ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްގެ ޑިލޭއެއް. އެއީ އަޅުގަނޑު މިދެންނެވި މިދިޔަ އަހަރު ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި އެމީހުން ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،" މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމުގެ ސަބަބުން، އެ ފައިސާ ވީހާ ވެސް އަވަހަކަށް ހަމަޖައްސައިދީގެން މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދައްކަން ޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ގިރާވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ހަމަ ގުޅިފަޅާ އެއްގޮތަށް އެ ތަނުގެ ސާވިސްތަކާ އެއްޗެހި ވެސް ގާއިމްކުރުން،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު މުއްތޮލިބު އިތުރަށް ވިދާޅުވީ ގިރާވަރުފަޅުގެ މަގުތައް ހެދުމަށާއި އަސާސީ ހިދުމަތްތައް ގާއިމްކުރަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެފަރާތްތަކާ އެކު މަޝްވަރާ ކުރެވި، އެ މަޝްރޫއުތައް ވަރަށް އަވަހަށް ހަވާލު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދިނުމަށް ހިއްކަން ފެށި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހު އެކަން އިއުލާން ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު