މިއަދު 11:00 ގައި ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންދުރު 1:00 އަށް ފަސްކުރީ، މަޖިލިސް މެންބަރުންގެ މޭޒުކޮޅުތަކުގައި ހުރި މައިކުތައް ރަނގަޅުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހުރި މެންބަރުންގެ މޭޒުކޮޅުތަކުގައި ހުރި މައިކުތައް ރަނގަޅު ކުރަން ވަގުތު ބޭނުންވާ ކަމަށެވެ.
އެހެންކަމުން މިއަދުގެ ޖަލްސާ މިހާރު ފަށަން ހަމަޖެހިފައި ވަނީ 1:00 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ވަޒީރުންނަށް ރުހުން ދިނުމާއި، މުހިއްމު ބައެއް ބިލްތައް ކުރިއަށް ގެންދިއުމަށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިދިނުމަށް އެދިވަޑައިގެން ބައެއް މެންބަރުން ހުށަހެޅުއްވުމުގެ ސަބަބުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާއެވެ.
ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔެ އެވެ.
އިއްޔެގެ ޖަލްސާގައި ބައެއް ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވި ނަމަވެސް އެންމެ މުހިއްމު ކަމަކަށް އޮތީ ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމެވެ.
ނަމަވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ވިޕްލައިން ނެރުމާއެކު، ޖަލްސާ ބާއްވަން ޕީއެންސީގެ މެންބަރުން ހުރަސް އެޅުއްވުމުން ދެފަރާތުގެ މެންބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ސަބަބުން ރޭ 11 ޖެހިއިރުވެސް ޖަލްސާ ބޭއްވިފައެއް ނުވެއެވެ. އެ ހަމަނުޖެހުމުގައި ބައެއް މެންބަރުންނަށް އަނިޔާވި އެވެ. އަދި ޖަލްސާކުރާ މާލަމުގައި މެންބަރުންގެ މޭޒުގައި ހުރި މައިކުތައް އުފުރާލައި ސައުންޑަށް ވަނީ ގެއްލުން ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އޭގެ އިތުރުން އެހެން މަސައްކަތެއް މިއަދަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު