އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ގީނީއާއި ކޮންގޯ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެފްކޯންގެ ގަދަ 16 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ގީނީއިން އިކުއެޓޯރިއަލް ގީނީ ކައިރިން 1-0 އިން މޮޅުވީ ފަހު މިނެޓް ކޮޅުގައި ގޯލު ޖަހައިގެންނެވެ. އެ ގޯލާއެކު ގީނީއިން އިކުއެޓޯރިއަލް ގީނީ ކަޓުވާލި އިރު، ރޭ ވެގެން ދިޔައީ އިކުއެޓޯރިއަލް ގީނީއަށް މާޔޫސީ ރެއަކަށެވެ.
މެޗުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގަިއ އިކުއެޓޯރިއަލް ގީނީގެ ފެޑެރީކޯ ބިކޯރޯއަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލި އިރު، އެެޓީމަށް ލިބުނު ޕެނަލްޓީވެސް ވީ ނާކާމިޔާބެވެ. ދެވަނަ ހާފުގައި ލިބުނު އެ ޕެނަލްޓީ އެމިލިއޯ ސޫއޭ އަތުން ވީ ނާކާމިޔާބެވެ. އެނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
މެޗުގެ ހަމައެކަނި ގޯލު، 98 ވަނަ މިނެޓުގައި ގީނީއަށް ޖަހައިދިނީ މުހައްމަދު ބަޔޯއެވެ.
މުހައްމަދު ސަލާހާ ނުލައި ރޭގެ ގަދަ 16 އަށް ނުކުތް މިސްރުން ކޮންގޯ ކައިރިން ޕެނަލްޓީގައި ބަލިވީ 8-7 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނު އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މިސްރު ބަލިވީ ކޮންގޯގެ ކީޕަރު ލިއޮނެލް ޕާސީ ޖެހި ޕެނަލްޓީންނެވެ.
ހަތް ފަހަރުގެ ޗެމްޕިއަން މިސްރު ކަޓުވާލައި ކޮންގޯ ތާރީހީ ނަތީޖާއެއް ހޯދި އިރު، ރޭގެ މެޗުގައި މޮޅަށް ކުޅެ، ޑޮމިނޭޓް ކުރީވެސް ކޮންގޯއެވެ. އެޓީމުން 37 ވަނަ މިނެޓުގައި ލީޑު ނެގީ މެސްޗަކް އެލިއާގެ ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ކޮންގޯގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޔޯނޭ ވީސާއެވެ.
އެ ލީޑުގައި ކޮންގޯއަށް ދެމި އޮވެވުނީ ނުވަ މިނެޓު ވަންދެންނެވެ. ހާފު ނިމުމުގެ ކުރިން މުސްތަފާ މުހައްމަދު މިސްރަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުން ފެށިތަނާ، މިސްރުގެ މުހައްމަދު ހަމްދީއަށް ރަތް ކާޑު ދައްކައި އޭނާ ދަނޑުން ފޮނުވާލިއެވެ.
އެއާއެކު މިސްރުން ކުޅުންތެރިޔަކު މަދުން ކުޅެ ޕެނަލްޓީއަށް ނުކުމެފައިވާ އިރު، ދާދި އެއްގޮތްކޮށް ދިޔަ ޝޫޓްއައުޓްގައި މިސްރަށް ނާކާމިޔާބުވީ އެޓީމުގެ ގޯލްކީޕަރު ގަބާސްކީ ޖެހި ޕެނަލްޓީއެވެ. އަނެއްކޮޅުން ޕާސީ ވަނީ އޭނާ ޖެހި ޕެނަލްޓީ ކާމިޔާބުކޮށް ކޮންގޯ ކުއާޓާއަށް ގެންގޮސްދީފައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން