ރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް އެކި ސަރަހައްދުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖުތައް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެބިނެޓުން ނިންމެވި ކަންކަމުގެ މައުލޫމާތުދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކޯބާތަކެތީގެ އަގު ކުޑަކުރުމާ ގުޅޭ ސިޔާސަތެއް ކެބިނެޓަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކަމަށެވެ.

ކެބިނެޓުން އެކަމަށް މަޝްވަރާކޮށް ނިންމި ކަންކަމުގެ ތެރޭގައި ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް އިއާދަކުރަނަވި ހަކަތަ އުފެއްދުމަށް ކުރު ރާސްތާ އަދި މެދު ރާސްތާގެ ޕްލޭނެއް ޔުޓިލިޓީ ކުންފުނިތަކުން، އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ހަދައި އެއަށް އަމަލުކުރުން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުގައި ގުދަން ކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާ ކޯލްޑު ސްޓޯރޭޖުތައް ގާއިމުކުރާނެ ސަރަހައްދުތަކެއް މިނިސްޓްރީ އޮފް ހައުސިން، ޕްލޭނިން އެންޑް އާބަން ޑިވެލޮޕްމެންޓުން ކަނޑައެޅުއްވުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ނިންމުނު،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ގުދަންތަކުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ޕްލޭނެއް ހެދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހަޅަންވާނެ ކަމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖެއާ ކައިރީގައި ގާއިމުކޮށްފައިވާ ކޮމާޝަލް ޕޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުތައް ބެލުމަށްފަހު، މާލޭ ވިޔަފާރިވެރިންގެ ބަނދަރުން މިހާރު ނަގަމުންދާ އަގުތައް މުރާޖައާކުރުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.