އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް އޮސްޓްރޭލިއާއާއި ތަޖިކިސްތާނުން ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ރޭ ފަށާފައިވާ އިރު، އޮސްޓްރޭލިއާއިން ކުއާޓާ ޔަގީންކުރީ 4-0 އިން އިންޑޮނޭޝިއާ ބަލިކޮށްގެންނެވެ. އޭގެ ފަހުން ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އަލަށް މުބާރާތުގައި ވާދަކުރަމުންދާ ތަޖިކިސްތާނުން ޔޫއޭއީ ބަލިކުރީ ޕެނަލްޓީގައެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ތަޖިކިސްތާން މެޗުން މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ އޭޝިއަން ކަޕްގައި ތަޖިކިިސްތާނަށް ކޯޗުކަން ކޮށްދެމުން އަންނަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެ ހުރި ޕީޓާ ސެގަޓެވެ. އޭނާއަކީ ރާއްޖެއާއެކު 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗެވެ.
ރާއްޖޭގެ ޓީމާ ހަވާލުވެ، ކޯޗު ސެގަޓާއި އަލީ އަޝްފާގު (ދަގަނޑޭ) އާ ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވާ އިރު، އޭނާ ފޮނުވާލީ އިތުރު ބައެއް ކުޅުންތެރިންނާވެސް ގުޅުން ގޯސްވެގެންނެވެ. އޭގެ ފަހުން ސެގަޓް ތަޖިކިސްތާނާ ހަވާލުވީ 2022 ވަނަ އަހަރުއެވެ.
ގަތަރުގައި ކުރިއަށްދާ މުބާރާތުގައި ރޭ އޮސްޓްރޭލިއާއިން އިންޑޮނޭޝިއާ ބަލިކުރި މެޗުގައި އޮސްޓްރޭލިއާ ޖެހި ފުރަތަމަ ގޯލަކީ އިންޑޮނޭޝިއާގެ އެލްކަން ބަގޮޓީ އަތުން ބައިކޮޅަށް ވަން ގޯލެވެ. އޮސްޓްރޭލިއާގެ އަނެއް ގޯލުތައް ޖެހީ މާޓިން ބޮއިލްއާއި ކްރައިގް ގުޑްވިން އަދި ހެރީ ސޯޓާއެވެ.
ތަޖިކިސްތާން މެޗުގައި އެޓީމުން ފުރަތަމަ ހާފުގައި ލީޑު ނެގީ ވަހުދަތު ހަނޮނޯވް ޖެހި ގޯލުންނެވެ. މެޗު ނިމެން ދަނިކޮށް، ފަހު މިނެޓުގައި ޔޫއޭއީން އެއްވަރުކުރި އިރު، އެ ގޯލު ޖެހީ ކަލީފާ އަލް ހަމަދީއެވެ. ޕެނަލްޓީގައި ޔޫއޭއީއަށް ނާކާމިޔާބުވީ ކައިއޯ ކަނޭޑޯ ޖެހި ޕެނަލްޓީއެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް