ސިލަބަސް ކަވަރުކުރުމަށް ހޮނިހިރު ދުވަހު ކިޔަވައިދޭން ހުއްދަ ދީފައި ނުވާނެ ކަމަށާއި ދިރާސީ ކަލަންޑަރުގައި ބުނެފައިވާ ގޮތާ ހިލާފަށް ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން މިނިސްޓްރީން ނިންމި ނަމަވެސް، ސިލަބަސް ކަވަރުކުރުމަށްޓަކައި ހަފުތާގެ އާދިއްތަ އިން ބުރާސްފަތި ދުވަހުގެ އިތުރުން ހޮނިހިރު ދުވަހުގައި ކިޔަވައިދޭ ކަމަށްބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ދޮގު ހަބަރެއް ކަމަށެވެ.

ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައި އެކަނި ކަމަށާއި އެ ނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެ މިނިސްޓްރީން ބުނީ، ހޮނިހިރު ދުވަހުގައި އާންމުކޮށް ކިޔަވައިދޭން އެ މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށާއި އެގޮތަށް ހުއްދައެއް ދީފައިވެސް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް ހަފުތާ ބަންދުގައި އަބަދުވެސް ސްކޫލުތަކުން ކުރިއަށްގެންދާތީ، އެކަމުގައި ހުރަހެއް ނެތް ކަމަށް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހު ވަނީ މިހާރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދާނެ ކަމަަށް ބުނެފައެވެ. އަދި ހިނގަމުން މިދާ ދެވަނަ ޓާމްގައި އެ ދަރިވަރުން އޯލެވެލް ސިލަބަސް ކިޔަވަން ފަށާގޮތަށް ވަނީ ނިންމައިފައެވެ.

އެ ނިންމުމާ ގުޅިގެން ގިނަ ބެލެވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޯލެވެލްއަށް ތައްޔާތުރުވުމަށް ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.

މިނިސްޓްރީން އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ، ކޮވިޑުގެ ކުރިން އޮންނަ ގޮތަށް ދިރާސީ ކަލަންޑަރު ބަދަލުކުރުމަށް ގެންނަ ބަދަލެކެވެ. އެއާއެކު 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީގައެވެ.