ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަން ނިންމައިފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ މައްސަލަ ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓިގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެ މައްސަލަ ދިރާސާކުރި ރިޕޯޓުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
މި ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެ ރިޕޯޓަށް ބަހުސް ކުރުމުގެ ވަގުތަކީ 30 މިނެޓްގެ ވަގުތުކަމަށް ކަނޑައަޅައި ކޮންމެ ޕާޓީއަކުން އެންމެ މެބަރަކަށް ހަތަރު މިނިޓުގެ ފުރުސަތެއް ދެއްވައިގެން ބަހުސް ކުރިއަށް ގެންދެވިއެވެ.
އެ މައްސަލައަށް އަމިއްލަ މެންބަރުންގެ ފަރާތުން ވާހަކަ ދެއްކެވީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒެވެ. ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނަކީ ގާނޫނު އަސާސީގެ ދަށުން ޝަރުތު ފުރިހަމަވާ ބޭފުޅުން ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމަށް ރިޔާޒް ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ، ވޭތުވެދިޔަ ހުރިހާ ރިޔާސީ އިންތިހާބެއްގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހުރިހާ ވަޒީރުންނަށް މަޖިލީހުން އޮތީ ރުހުން ދީފައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައި ހުރިހާ ވަީރުންނަށް ހުރިހާ މަޖިލީހަކުން، ފުރަތަމަ ކެބިނެޓަށް އޮތީ ރުހުންދީފައި ކަމަށްވެސް ވިދާޅުވިއެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ކެބިނެޓަށް، އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޕީޕީއެމުން ރުހުން ދީފައިވާނެ ކަމަށްވެސް ތޯރިގު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މުއިއްޒުގެ ކެބިނެޓަށް މަޖިލީހުން ރުހުން ދޭން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް ވިދާޅުވީ، ގާނޫނު އަސީގައި ބުނާ ވަޒީރުންގެ ފުރިހަމަ ވާން ޖެހޭނެ ކަމަށް ބުނާ ޝަރުތު ތަކަކީ އާދައިގެ ޝަރުތުތަކެއް ކަަމަށާއި، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި އެ ވަޒީރަކީ އޭނާއާ ހަވާލުކުރާ މަސައްކަތްތައް ކުރުމުގެ ލަޔާގަތާއި ގާބިލުކަން ހުރި ވަޒީރެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރި ކޮމެޓީން އެކަން ބަލާފައި ނުވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ބައެއް ވަޒީރުންނަށް އެ ޕާޓީން ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ މަޖިލިސް މެންބަރުން ގަންނަން ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
ޕީއެންސީގެ ފަރާތުން ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޒީމު ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައިި ކޮމެޓީން ނިންމާފައިވާ ގޮތަށް އެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެމްޑީއޭގެ ފަރާތުން ވާހަކަ ދެއްކެވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުވެސް ވަނީ ވަޒީރުންނަށް ރުހުންދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުން ކަމަށާއި އެއީ އަމިއްލަ އެދުން ކުރިއަށް ނެރުން ކަމަށެވެ.
މި މައްސަލައަށް ބަހުސްކޮށް ނިމުމުން މަޖިލިސް ރައީސް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް މިއަދު 1:30 ގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު