ޖިނާއީ މައްސަލަތަކުގައި ތަހުގީގު ހިންގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ތައާރަފު ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ތަހުގީގީ އިދާރާއަކުން ޖިނާއީ މައްސަލައެއް ބަލާގޮތާ މެދު ހިތްހަމަ ނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންކަމުން ތަހުގީގު ހިނގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ އޮފީހުން ގާއިމް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެ ކަމަށާއި ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެ ކަމަށާއި އެފޯމުގެ ގިނަ، އާންމު ބައިބައި ހުންނާނީ ފުރާފައި ކަމަށްވެސް ބުނެފައިވެއެވެ.
ޝަކުވާ ހުށަހަޅާ މީހާ ކުރަން ޖެހޭނީ ދެ ކަމެއް ކަމަށާއި އެއީ އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި އޭނާ ތަހުގީގު އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުން ކަމަށްވެސް ބުނެފައިވެއެވެ. އެލިޔުން ބޭނުންވަނީ، މައްސަލައެއް ހުށަހެޅުނުކަން ޔަގީން ކުރަން ޖެހޭތީ ކަމަށްވެސް ބުނެފައިވެއެވެ.
"އެފޯމު ހުށަހެޅުމުން، އެފޯމު، އޮފީހުގެ ނިޒާމުގެ ތެރެއަށް އެންޓްރީ ވާނީ އޮޓޮމެޓިކުން. ޝަކުވާ ފޯމު ސީދާ ގޮސް ލިބޭނީ އެމައްސަލައެއް ބެލުމާ ހަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށް. އޭނާ އެޝަކުވާ ފޯމު ކިޔުމަށްފަހު، ޖަވާބުދޭނެ ކަމަށް އަންދާޒާ ކުރާ ދުވަހެއް ކަނޑައަޅަން ޖެހޭނެ. އޭނާއަށް އެ ސްކްރީނުން އެހެން ސްކްރީނަކަށް ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ ޖަވާބުދޭނެ ދުވަހެއް ލިޔުމަށްފަހު، ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާ ވަގުތު. ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެ، މިވެނި ޕްރޮސިކިއުޓަރަކު، އޭނާ ހުށަހެޅި ޝަކުވާ ބަލަމުންދާ ކަމަށާއި މިވެނި ދުވަހެއްގައި ޖަވާބެއްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ މެސެޖުގައި އޮންނާނެ،"
ޕީޖީ އޮފީހުން ބުނީ އެމެސެޖުގައި ބުނާ ދުވަހުގެ ކުރިއަށް ޖަވާބު ދޭނެ ކަމަށެވެ. ޖަވާބު ތައްޔާރުވުމާ އެކުވެސް، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެ ކަމަށާއި ޝަކުވާ ހުށަހެޅުމަށް އަދި ޖަވާބު ހޯދަން އެއްވެސް ތަނަކަށް ދާކަށް ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުއާމަލާތުތަކެއް، އޮންލައިން ޕޯޓަލްގެ ތެރެއިން، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތަކާއެކު ފެންނަން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޮންލައިން ނިޒާމު އަވަސްވެފައި ފަސޭހަވިޔަސް، އޮންލައިން ނޫން ގޮތަށް، ސީދާ ކަރުދާސް ފޯމަކުން ނުވަތަ ސިޓީއަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުންނަށް އެފުރުސަތު ކުރިއެކޭ ވެސް އެއްގޮތަށް އަދިވެސް އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޝަކުވާ ހުށަހެޅުމާ ގުޅޭ ކަންކަމާބެހޭ ސުވާލާއި ޖަވާބު އަދި އިތުރު ސުވާލެއް އޮތްނަމަ، [email protected] އަށް އީމެއިލު ކުރުމުން، އެސުވާލެއްގެ ޖަވާބު، ސުވާލާއި ޖަވާބު ބައިން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު