ސިޓީތަކާއި ރަށްރަށުގެ ދުއްވޭނެ އުޅަނދުގެ އަދަދު ދެ މަސް ދުވަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީތަކާއި ރަށްރަށުގެ ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމަށް ހައްލެއް ހޯދައިދިނުމަށް "އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު" އިސްލާހު ކުރުމަށްފަހު ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށެވެ.

"އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު" އަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅަނދުގެ އަދަދު ކަނޑައެޅުމުއްގަޔާއި އެކަން ތަންފީޒު ކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އަސާސީ މިންގަނޑުތަކާއި އުސޫލުތަށް ބަޔާންކޮށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ދަށުން 2021 ވަނަ އަހަރު އެކުލަވާލި ގަވާއިދެކެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މިމަހު 23ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވަނީ މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އަމީން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް އެ ދުވަހު ވިދާޅުވިއެވެ.