ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތްތަކާއި އިމާރާތްތަކަށް ފަސޭހައިން ވަދެވޭނެ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަލްޓަން ޕާކުގައި މިރޭ ބޭއްވި ވަޒީރުންގެ "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރިއަށްގެންދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދުދެއްވާފައިވާ ކަމަށާއި އެގޮތުގެ މަތިން އެކަމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންތައްތަކަކީ. އަދި މިސްކިތަށް ވަނުމުގައި ދިމާވާ ދަތިތައް ވެސް އިރާދަކުރެއްވިއްޔާ މާލެ ސިޓީ ކައުންސިލާ މަޝްވަރާކޮށްގެން މި މައްސަލައަށް ވަރަށް އަވަސް ހައްލެއް އަޅުގަނޑުމެން ގެންނާނަން. އިރާދަކުރެއްވިއްޔާ ރޯދަމަސް ފެށުމުގެ ކުރިން ހައްލު ހޯދައިދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވިދާޅުވީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަމާލުކަމެއްދީގެން ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެ މިނިސްޓްރީން ވެސް އެކަމުގެ މަސައްކަތްތައް ފަށައިގެން މިހާރު ކުރިއަށްގެންދާ ކަމަށެވެ.
"އެގޮތުން މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ޕޮލިސީއާއެކު ސަރުކާރުގެ އޮފީސްތަކަކީ ވީލްޗެއާ އެކްސަސް ލިބޭގޮތަށް އަދި އެ ފަރާތްތަކަށް ބޭނުންކުރެވޭނެ ޓޮއިލެޓް ފެސިލިޓީޒްތައް ހުންނަ ގޮތަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށް އެބަދޭ. އޭގެ އިތުރަށް އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައި އޮތް ކަމެއް އެއީ، ސަރުކާރުގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗާތައް ކަނޑައެޅުން. އަދި އާންމުކޮށް މި ހުންނަ ބިލްޑިން ކޯޑާ ތަފާތުކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން ހަދާ އޮފީސް އިމާރާތްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ އަދި ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތަށް ބިނާކުރުމަށް އިސްކަމެއް ދެވޭނެ ކަމަށާއި މިހާރު ހަދާފައި ހުރި އިމާރާތްތަކަށް ވެސް ގެނެވޭނެ ބަދަލުތައް ބަލައި، އެ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.
އެ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ ލޯފަން މީހުންނަށް ވަޒީފާގެ އެންމެ ގިނަ ފުރުސަތު ފަހިކޮށްދީފައިވާ ވުޒާރާ ކަމަށާއި މިއަދުވެސް އެބޭފުޅުންނާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ތެރެއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރެވޭނެ ގޮތް ހައްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން މީގެ ދެ ހަފުތާއެއް ކުރީގެ ކެބިނެޓުގައި ވެސް އެ ވާހަކަތައް ދެކެވުނު. ކެބިނެޓު ފެންވަރުގައި އެ ވާހަކަތައް ދެކެވުނު. ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ވާހަކަ. އިޝާރާތުގެ ބަހުން ހުތުބާ ތަރުޖަމާ ކުރެވިގެންދާނެ. މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ ރިފަރެންސަށް ލައިބްރަރީތަކުގައި ލިބެން ހުރި ހުރިހާ ފޮތްތަކެއްހެން އަޑު އެޅުމުގެ މަޝްރޫއު އިސްލާމިކް ޔުނިވާސިޓީއާއެކު މިއުޅެނީ ފަށަން. އިރާދަކުރެއްވިއްޔާ ރިފަރެންސް އަޑުއަހައިގެން ރިފަރެންސް ލިބުމުގެ މަގުފަހިވެގެންދާނެ. އިރާދަކުރެއްވިއްޔާ އެކަމަށް ދޭން ޖެހޭ ހުރިހާ މުހިންމު ކަމެއް އަޅުގަނޑުމެން ވުޒާރާތަކުން، ކަމާގުޅޭ އިދާރާތަކުން މިދަނީ ދެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ އެ ފޯރަމަކީ ސިލްސިލާގޮތެއްގައި ކޮންމެ ދެ މަހުން އެއްމަހު ބާއްވާ ފޯރަމްތަކެކެވެ. އެ ފޯރަމްތަކުގައި އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވިގެންދާ އިރު، ފުރަތަމަ ފޯރަމްގައި ޝަހީމާއި މުއްތަލިބުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު