ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބަލިކަށި ސަރުކާރެއް ނޫން ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށް ރައީސް އޮފީހުގެ ސީނިއާ އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓު އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އެހެން ވިދާޅުވީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީީއާއި ޑިމޮކްރެޓްސް އިން ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލިސް ތެރެއިން އެކުގައި މަސައްކަތް ކުރަން ނިންމައި އެކަން އިއުލާން ކުރުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެ މަސައްކަތް ކުރަނީ ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ކަމަށެވެ.
"މި އުޅެނީ ސަރުކާރު ހުއްޓުވުމަކަށް ގެންނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާށޭ ސަރުކާރު މިއީ ވަރަށް ބަލިކަށި ސަރުކާރެކޭ، ސަރުކާރު ހުއްޓުވުމަކަށް ގެނެވިދާނެޔޭ. އެ ކަމެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރަކަށްވާއިރު މި ސަރުކާރުން ގިނަ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރަނީ ގައުމަށް ތަރައްގީ ގެންނަން ބޭނުންވާތީ ކަމަށާއި މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނަކީ މަސައްކަތުން ނަތީޖާ ނެރޭނެ ބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު