ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލްގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެގެން ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ.

ބިލްބާއޯގެ ސޭން މަމޭސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އިތުރު ވަގުތަށް ކުޅެގެން ބިލްބާއޯއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗު 2-2 އިން އެއްވަރުވެގެން އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގައި ބިލްބާއޯގެ ގޯލުތައް ޖެހީ އިނާކީ ވިލިއަމްސްއާއި ނިކޯ ވިލިއަމްސްއެވެ. އެ ދެކުޅުންތެރިންނަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. އުފަން ގައުމަކީ ގާނާއެވެ.

ރޭގެ މެޗުގެ އެއްވަނަ މިނެޓުގައި ގޯކާ ކަރުޒޭޓާ ވަނީ ބިލްބާއޯއަށް ލީޑު ނަގައިދީފައެވެ. އެ ލީޑު ބިލްބާއޯއަށް މާ ގިނައިރު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. 26 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި އެ އޮއިވަރުގައި ލެމިނޭ ޔަމާލް ޖެހި ގޯލުން މެޗުގައި ބާސާއިން ލީޑު ނެގިއެވެ.

އެ ލީޑާއެކު ބާސާއިން ކުރީގައި އޮވެ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ހަތަރު ވަނަ މިނެޓުގަި އޮހާން ސަންސެޓް ޖެހި ގޯލުން މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަވިއެވެ.

އިތުރު ވަގުތަށް ގޮސް ބިލްބާއޯ ވަރުގަދަކޮށް ފެނުނު އިރު، އިނާކީ ވިލިއަމްސް މެޗުގެ ލީޑު އަނެއްކާވެސް ނަގައިދިނީ އިތުރު ވަގުތުގެ ފުރިހަމަ ހާފުގެ ވަގުތު ހަމަވާން ދަނިކޮށެވެ. ބިލްބާއޯއިން މެޗު ޔަގީންކުރީ ފަހު މިނެޓުގައި އިނާކީގެ ބޭބެ، ނިކޯ ވިލިއަމްސް ޖެހި ގޯލުންނެވެ.

ބާސާއާއި ރެއާލް މެޑްރިޑްވެސް މިހާރު މިފަހަރުގެ ކޮޕާ ޑެލް ރޭ އިން ކަޓާފައި ވާ އިރު، އެދެޓީމަކީ މިދިޔަ 15 ކޮޕާ ޑެލް ރޭގެ ތެރެއިން 10 ތަށި ކާމިޔާބުކުރި ދެޓީމެވެ.