ސަރުކާރާ ކޯޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި މަސައްކަތްކުރައްވާނީ އެންމެންގެ މޭޔަރެއްގެ ގޮތުގައި ސަރުކާރާ ވެސް ގުޅިގެން ކަމަށް މާލޭ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ހުވާކުރެއްވުމަށްފަހު ބައިވެރިވެވަޑައިގެންނެވި ކައުންސިލުގެ ރަސްމީ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ މިއަދު ވިދާޅުވީ ކެމްޕޭންގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި ރައްޔިތެއްގެ އެއްވެސް މައްސަލައެއް ހައްލު ނުވެ އޮންނަން ބޭނުންނުވާ ކަމަށެވެ.

"އެއްވެސް ކޮންފްލިކްޓެއް، އެއްވެސް ކަމެއް އަންނާކަށް ބޭނުމެއް ނޫން. އެއްވެސް ކޯޅުމެއް އަންނާކަށް ބޭނުމެއް ނޫން އެއްވެސް މުއައްސަސާއަކާ، ސަރުކާރު ވިޔަސް. އަޅުގަނޑު މި ދަންނަވަނީ މުޅި ކައުންސިލަށް، މުޅި ރައްޔިތުންނަށް، ސަރުކާރަށް، އަޅުގަނޑުގެ ފަރާތުން އެއްވެސް ދަތިކަމެއް ރައްޔިތުންނަށް ހިދުމަތްދިނުމަށް ނުވާނެ ކަމުގެ 100 ޕަސަންޓް ޔަގީންކަން އަޅުގަނޑު ދެން. އަޅުގަނޑަކީ އެންމެންގެ މޭޔަރު،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް، އެއްވެސް ހުރަހެއް ނެތި ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އޭނާގެ ފަރާތުން ސަރުކާރަށް އެއްވެސް ކަމެއްގައި ދަތިވިޔަ ނުދޭނެ ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ހާއްސަކޮށް މާލެ ސިޓީ މޭޔަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ފައިދާވާ، ފަސޭހަވާ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި ސަރުކާރަށް ޒައްރެއްގެ މިންވަރު ވެސް އުނދަގުލެއް ވިޔަކަ އަޅުގަނޑު ނުދޭނަން. އެ ފުރިހަމަ ޔަގީންކަން މުޅި ސަރުކާރަށް އަރުވަން. އެއްވެސް ދަތިކަމެއް އަޔަކަ ނުދޭނަން. އެކަހަލަ އެއްވެސް އިހުސާސެއް ވަންޏާ ވެސް އަޅުގަނޑާ ހިއްސާކުރުމަކީ އަޅުގަނޑު ވަރަށް އެދޭ އެދުމެއް. އެހެންވީމާ ސިޓީ ކައުންސިލުގެ ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް އެކަހަލަ އުނދަގުލެއްވާ އިހުސާސެއް ވަންޏާ ވެސް އަޅުގަނޑަށް އަންގައިދެއްވާތި،" އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އިނގިލި ދިއްކުރެވޭ އެއްވެސް ކަމެއް ކައުންސިލުގައި އޮވެގެން ނުވާނެ ކަމަށާއި ހުރިހާ ކަމެއް ގެންދަން ބޭނުންވަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި މަސައްކަތްކުރައްވާނީ ކައުންސިލު ތެރޭގައި އެއްވެސް ކަމެއް ގޯސްކޮށް ގޮސްފައި ނޯންނާނެކަން ސާބިތުކޮށްދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އަސްލު އޮޅޭގޮތަށް ވާހަކަ ދެއްކީމާ ރައްޔިތުންނަށް އޮޅޭ ގޮތްވާ ކަމަށާއި ދިފާއުގައި ވާހަކަދައްކަން ޖެހިއްޖެއްޔާ އެ ވާހަކަތައް ދައްކަވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން މަޝްރޫއުތައް ހަވާލުކޮށްފައި ހުންނާނީ އިއްތިފާގުން ފާސްކޮށްގެންކަން ވެސް ނަރީޝް ފާހަގަކުރެއްވިއެވެ.

"މިއަދު މޭޒުގެ ކޮޅު ބަދަލުވީމާ، ވަކި ގޮތަކަށް ބައެއް ބޮލުގައި ތުހުމަތު އަޅުވަން، ވައްކަމުގެ ބަދުނާމު އަޅުވަން، އެ ފާޑަކަށް ވާހަކަ ދެއްކުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އެގޮތުން އެ މަގުން އެކަންކަން ކުރާކަށް އަޅުގަނޑުމެން މި ކައުންސިލުގައި ތިބެގެން ޖާގައެއް ވެސް ނުދޭނަން. އެ ހިނގި ހުރިހާ ކަމެއް ހިނގި އިރުގައި، އޭގެ ހުރިހާ މައުލޫމާތެއް ބަލަން ހުރިހާ ކައުންސިލަރުންނަށް ފުރުސަތު ލިބުނު. ހުރިހާ ސުވާލެއް ކުރަން ފުރުސަތު ލިބުނު. މިތަނުގައި ތިބި ސްޓާފުންނާއި ކައުންސިލަރުން ބަދަލެއް ނުވޭ. ބަދަލުވީ މޭޔަރަކު އިންތިހާބުވުމާއި، މިތަނަށް ތިން ކައުންސިލަރަކު އިންތިހާބުވުން. އިތުރު އެއްޗެއް މިތަނުން ބަދަލެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ އޭގެ ވާހަކަތައް ސިޔާސީ ބޭނުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި ލާބައާއި މަންފާ ހުރި ކަންކަން ކުރިއަށްގެންދަން މަސައްކަތްކުރުމަކީ މި ކައުންސިލުގެ ފަރާތުން މާލޭ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެދުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދިމާއަށް އިނގިލި ދިއްކުރަން ވާހަކަދައްކާ ނަމަ، އޭގެ ދިފާއުގައި ތެދުވާނެ ކަމަށެވެ.